ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނުން ފެށިގެން އަލުން އާންމުންނަށް ހުޅުވާލާނެކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިކަން އިއުލާނު ކޮށްފައި ވަނީ، މިރޭ ކުރި އިއުލާނެއްގައެވެ.
ރަސްފަންނު މަރާމާތުކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީންނެވެ.
ރަސްފަންނު މޫދަށް އެރުމަށް ހުޅުވައިލަން ތައްޔާރުވެފައިވާއިރު، ސަރަހައްދުގެ ތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތް ވަނީ ނިންމައިފައެވެ.
އެމްޓީސީސީން ބުނީ، ތޮށިގަނޑުގެ މަސައްކަތް ނިމުނު ނަމަވެސް، މުޅި މަޝްރޫއު މުޅިން ނުނިމޭ ކަމަށާއި، ރަސްފަންނުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް މިހާރު ވެސް އެ ސަރަހައްދުގައި ދަނީ ކުރަމުން ކަމުގައެވެ.
މީގެ ކުރިން ވެސް ރަސްފަންނު މަރާމާތު ކުރުމަށް ބަންދު ކޮށްފައިވެއެވެ.

