ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) ގެ އިތުރުން މުކުރިމަގު، ފޭރުގަސްދޮށުގެ، ލ.ގަން / އަހުމަދު އަފްރާހު (33އ) އާއި ކ.މާލެ / ހ.ކަހަފަތި، އިލްޔާސް އަޙްމަދު (42އ) އަދި ކ.މާލެ / ގ.ހޭޅި، ހަސަން ޝަމްއޫން (36އ)އެވެ.
މި ފަސްމީހުންނަކީ 8 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

