ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20,000 ޑޯޒްއާއި 3 ޓަނުގެ ސިއްހީ އާލާތްތައް ހަދިޔާކޮށްފިއެވެ.
އެ އެހީ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބަލަސުބްރަމަނިއަމްއެވެ.
ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، މިއީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް މަގުފަހިވާނެއެވެ. އަދި ހަދިޔާކުރި ލެބޯޓްރީ ސާމާނާއި، ޕީޕީއީ ކިޓްތަކުގެ ސަބަބުން ބަލިތައް ދެނެގަތުމާއި، އިސްސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
ގީލާ ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އިންޑިއާ ސަފީރު ޖ. ބަލަސުބްރަމަނިއަމް ވިދާޅުވީ، ކޮންމެ ކާރިސާއެއްގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށެވެ.
އެގޮތުން ސުނާމީ ކާރިސާއާއި ކޮވިޑް-19ގެ ތެރޭގައިވެސް އިންޑިއާއިން ވެދިން އެހީތެރިކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އިތުރު ސިއްހީ ސާމާނުތައްވެސް ކުރިއަށް އޮތްތަނުގައި ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

