އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު  ޑރ. ޛުލްކިފްލި ބިން ހަސަންއާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މެލޭޝިޔާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާއާއި، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ، މެލޭޝިޔާއިން ދިވެހިރާއްޖޭގެ އިސްލާމީ އަދި ތައުލީމީ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މެލޭޝިޔާގެ ބޮޑު ވަޒީރަށާއި ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީއާއި މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

އެގޮތުން ޒަކާތާއި، ހައްޖާއި އުމްރާ، އައުގާފް އަދި އިމާމުންނާއި ހަތީބުން ތަމްރީން ކުރުމާއި ޤުރުއާން އިލްމު ފެތުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ ސަބަބުން ދިވެހިރާއްޖެއަށް ޢިލްމީ ގޮތުން ލިބެމުންދާ ކުރިއެރުންތަކާއި އަދި އެ ޔުނިވާސިޓީގެ ކަންކަމުގައި މެލޭޝިޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް މިނިސްޓަރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދެ ގައުމުގެ ވުޒާރާ ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުން ހާއްސަ ފަހުމުނާމާއެއްގައި ސޮއިކުރުމަށް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރަައްވާފައެވެ.

އަދި ވަޒީރު ޑރ. ޝަހީމް ވަނީ މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ހިޒް އެކްސެލަންސީ ޑރ. ޛުލްކިފްލި ބިން ހަސަނަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މުސްލިމް ވޯލްޑް ލީގުގެ ދައުވަތަކަށް އިންޓަނޭޝަނަލް ރިލިޖަސް ލިޑާސް ސަމިޓުގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.