އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

ނަޝީދަކީ އެންމެ ފުރަތަމަ އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމު ފުރުއްވި ފަރާތެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 9:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބިގެންވާއިރު، އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ފޮއްޓެއް ވެސް ހިމެނެއެވެ. މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި އިންތިހާބުގައި ވޯޓުލާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

އިންތިހާބުން ކާމިޔާބީ ލިބިވަޑައިގަތުމުން، ނަޝީދު ވަނީ ”ބޮޑުބަދަލު“ ކެމްޕެއިން ޓީމަށް ޝުކުރު އަދާކޮށްފައެވެ. ނަޝީދާ ވާދަ ކުރެއްވި މީކާއީލް މީސްމީޑިއާގައި ވިދާޅުވީ، އޭނާ ނަޝީދަށް ގުޅުއްވައި މަރުހަބާ ދަންނަވައިފައިވާނެ ކަމަށާއި، ދެން އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.