ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ހަސަން ޒަރީރަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޒަރީރު އެ މަގާމަށް އައްޔަނު ކުރެއްވީ ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުން މި މަހުގެ އަށް ވަނަ ދުވަހުއެވެ.

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އޭނާ ވަނީ މި ސަރުކާރުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައެވެ.

ހަސަން ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާސް އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން ހަސަން ޒަރީރު ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލްކުރައްވާފައެވެ.