ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަސްހާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ދަސްކޮށްދެނީ ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާ ކަމަށެވެ.
ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެން ވަނީ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމަށާއި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު ދިވެހި މުޖުތަމައުގައި ދިރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި އަދި ދިވެހިވަންތަ ރިވެތި އަހުލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ މި ފެށުނު އާ އަހަރަކީ، އިގުތިސާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންނެވެ.
ހިޖުރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާ ކުރުމުގައި ދެމި ތިބުމަށް ހިތާބުގައި ރައީސް ވަނީ ހަނދުމަކޮށް ދެއްވާފައެވެ.

