މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް ކަމަށާ، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުސަތުގެ ދަރުމަ ހޯއްދަވާ، އިންސާނިއްޔަތަށް އެ ހިދުމަތް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ މި ހަފްލާގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އަދި ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޝަރަފުގައި ހާއްސަ ދުވަހެއް ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަހުލާގު އާލާކޮށް، އިންސާނީ މުޖުތަމައުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ހިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ހިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭ ހަދިޔާ ކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ.

އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް މިރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ.