ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޖުރީ ސަނަތުން 1448ވަނަ އަހަރު ފެށުމާ ގުޅިގެން، އިސްލާމީ ގައުމުތަކާ، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، މިފެށުނު ހިޖުރީ އާ އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމައުގެ ހާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރުމާ، މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިހުލާސްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫހު އާލާކުރަންވީ ވަގުތު ކަމަށެވެ.
ރައީސް މެސެޖު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެން، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިހުލާސްތެރިކަމާއެކު ދުއާ ދަންނަވާފައިވެއެވެ.

