ރާއްޖޭގެ އިސްލާމީ ދާއިރާއަށް މި އަހަރު ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އާ އަހަރާ ކުރިމަތިލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ އަހަރުކަން ވެސް ފާހަގަ ކުރައްވައިފައެވެ.
ޝަހީމު ވިދާޅުވީ ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެންދާ އިރު، މި އަހަރަކީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ޒުވާން ހަތީބުންގެ ޢަދަދު 1،000 އަށް އަރައި ހާފިޒުންގެ އަދަދު 350 އަށް ގާތްކުރާނެ ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ކުރިައަށް ގެންދާ ބިޔަ ބޮޑު ވަޤުފު ބިނާތައް ވެސް މި އަހަރު ނިމި ވަގުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ވެސް މި އަހަރު ނިމެންގާތް ވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އުއްމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ވެސް އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުން އަންނަ ގިނަ މިސްކިތްތަކެއް ވެސް މި އަހަރު ނިމި ހުޅުވުން ކަމަށެވެ.
”މި ނޫނަސް ގިނަ ކުރިއެރުންތަކެއް މި އަހަރު އިސްލާމީ ދާއިރާއަށް އަންނާނެ. އަދި 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ގަބޫލުކުރިތާ 900 އަހަރުވާ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ގަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު،“ ޝަހީމު ވިދާޅުވިއެވެ.
އަދި އަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

