ފިޔާގެ ސްޓޮކް ހުސްނުވާ ކަމަަށާއި، ކުރިއެކޭ ވެސް އެއްގޮތަށް ކިލޯއެއް 13ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ބާޒާރުން ފިޔާ ލިބުން ދަތިވެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމަށް ދެކެވެމުންދާ އަކީ ހަގީގަތެއް ނޫން ކަމަށާއި، އެއްވެސް ބަދަލެއް ނުގެނެސް، އާންމުކޮށް ވެސް އެ ކުންފުނިން ފިޔާ ވިއްކަމުން އައި އަގަށް މިހާރު ވެސް ކިލޯއެއް ގަންނަން ލިބޭނެ ކަމަށެވެ.
އަދި އަތޮޅުތެރޭގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހޯލްސޭލް އުސޫލުން ފިޔާ ވިއްކުމުގެ މަސައްކަތް ފަށާނެކަން ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި، މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކަށް ބޭނުންވާ ވަރަށް ފިޔާ ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ.

