ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސައިބަރ ސެކިއުރިޓީ ބިލަށް ޢާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ސަލާމަތްތެރިކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ.

މީގެ ތެރޭގައި ދާހިލީ އަދި ބޭރުގެ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

އަދި ދައުލަތާއި އަމިއްލަ ދާއިރާގެ މުހިއްމު މަޢުލޫމާތުތަކާއި ސިސްޓަމްތަކުގައި ހުންނަންޖެހޭ ސެކިއުރިޓީ މިންގަނޑުތައްވެސް މި ބިލުން ބަޔާންކުރެއެވެ.

ބިލުގައިވާ ގޮތުން، ސައިބަރ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށްޓަކައި “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަންޖެހެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިނގާ މި އެޖެންސީގައި ފަސް މެންބަރުންގެ ބޯޑެއް އޮންނާނެއެވެ.

ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުންނެވެ.

މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކުން ހާއްސަ ލައިސަންސެއް ހޯދަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.

އަދި ގަވާއިދާ ހިލާފަށް ހިދުމަތްދޭ ފަރާތްތައް 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ބިލުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.