ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނަށް ވެވަޑައިގަންނަވައިފައިވާ ވައުދުފުޅުތައް ފުުއްދަވައި ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، މާލެ ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ރަސްމީކޮށް ފައްޓަވައި ދެއްވައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، ވިލިމާލޭގެ ރައްޔިތުންނަށް ދަތިވަނީ ކޮން ކަންތައްތަކެއްކަން، ރައީސް ދެނެވަޑައިގަންނަވައިފައިވާއިރު، އެކަންކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެހެންވީމަ، ވިލިމާލޭގެ ރައްޔިތުން ގަބޫލުފުޅު ކުރައްވަންވީ، ސަރުކާރުން ތިބޭފުޅުންނަށްޓަކާ، ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައި ހުރި ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ފުއްދަވާނެ ކަމާއި، އަދި އެ ވައުދުތަކާއެކުގައި، މިތަނަށް ލިބިގެންދާ ހުރިހާ ލުއި ފަސޭހަތަކެއް ވެގެންދާނީ ރަށުގައި ދިރިއުޅޭ، ހުރިހާ ބޭފުޅުންނަށް ލިބޭނެ ލުއި ފަސޭހަތަކެއް ކަމަށް.“ ސައީދު ވިދާޅުވިއެވެ.
ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެތައް ކަމަކަށް ހައްލު ހޯއްދެވުމަށް، ދުރާލައި ރޭވިގެން، މެނިފެސްޓޯގައި ކަންތައްތަކެއް ހިމަނައިގެން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ވަށާޖެހޭ ގޮތެއްގައި ދިނުމަށްޓަކައި، ކަމާ ގުޅޭ އެންމެހައި މުއައްސަސާތަކާ ވާހަކަ ދައްކައިގެން 2028 ވަނަ އަހަރު އައުމުގެ ކުރިން، ހައްލު ކުރުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވައިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ސައީދު ފާހަގަކުރެއްވިއެވެ.
”އެހެންވީމަ، މި ހުރިހާ ކަމެއް ގޮސް ނިމޭއިރުގަ، ރައްޔިތުންނަށް މީގެ ލުއި އިހުސާސްވާ ކަންތައްތަކެއް ފެނިގެންދާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ރަސްމީކޮށް ފަށާފައިވާއިރު، މި ހިދުމަތުގައި ޖުމްލަ ހަތަރު ކާރު މިވަގުތަށް ހިދުމަތަށް ނެރޭނެއެވެ. އެއީ ޗަންގަންގެ ލުމިން މޮޑެލްގެ 2 ކާރާއި އެސްޒީރޯ 7 މޮޑެލްގެ 2 ކާރެވެ.

