ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން ކަމުގައި ރައީސް  އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިޢްވާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިޚްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ރައީސް ދެއްވި ކަމަށެވެ.

”މިއަދު ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު، އަޅުގަނޑުމެންނަށް މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްޤީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ.“ މިޢްވާން ވިދާޅުވިއެވެ.

މިގޮތުން މިޢްވާން ވަނީ، ރައީސް ސޯލިހުގެ ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ޚުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ.

މީގެ އިތުރުން މިޢްވާން ވިދާޅުވީ، ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށެވެ. އަދި ރިޔާސީ ވަޢުދުތަކުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަންވެސް މިޢްވާން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މިގޮތުން އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރުމަކުން، ބުރިޖުގެ މަޝްރޫޢަށް މަޑުޖެހުމެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ.

އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާނެ ކަމުގައިވެސް މިޢްވާން ވަނީ ވިދާޅުވެފައެވެ.