ރޭ ރާއްޖެ ގަޑިން 10:00ގައި، ފުޓްބޯޅައިގެ ގަދަ އެއް ބާރު ކަމުގައި ބުނެވޭ ޕޯޗުގަލްއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެގެން ދިޔުމަކީ، އެއްވެސް ޓީމަކަށް ލިބުނު ”ބައްޔެއް“ ނޫން ކަމުގައި ވިޔަސް، މި ނަތީޖާ ވެގެންދިޔައީ ޕޯޗުގަލްގެ ސަޕޯޓަރުން، އަދި ވަކިން ހާއްސަކޮށް މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތާއީދު ކުރާ މީހުންނަށް ހަޖަމު ކުރެވުނު ކަމަކަށް ނޫނެވެ.
ޕޯޗުގަލްގެ ކިބައިން އެއަށްވުރެ މާ މޮޅު، ފެންވަރުގެ ކުޅުމެއް ދެކެން އެ ޓީމުގެ ސަޕޯޓަރުން ތިބީ ބޭނުންވެފައެވެ.
މެޗުގެ ނަތީޖާއަށް އަމާޒުވި ފާޑުކިޔުންތަކާއެކު، ރޮނާލްޑޯ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާގެ ސަޕޯޓަރުންނަށް ދިނީ ހިތްވަރެވެ. އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ބުނީ، މިއީ ބޭނުންވި ފެށުން ކަމަށް ނުވިޔަސް، ނިމެން އަދި ކައިރި ވެސް ނުވާ ކަމުގައެވެ.
ކޮންގޯއާ ބައްދަލުކުރި މެޗަށް ފަހުގައި ވެސް ހަތް ނަމްބަރު ކުޅުންތެރިޔާ، އޭނާގެ ޓީމުގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ބަލިވީ ޓީމުގެ ސަބަބުން ކަމަށް ރޮނާލްޑޯ ނުދެކެއެވެ.
އޭނާ ބުނީ ފުޓްބޯޅައިގައި އޮންނާނީ މޮޅު ވުމާއި ބަލިވުން ކަމަށާއި، ޓީމުގެ ފަރާތުން އެއްވެސް ކަމެއް އުނިވެގެން ދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް ފޯކަސް ކުރަން ޖެހޭ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ކުޅޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި އޭގެ ފަހުން އެ ޓީމާ ބައްދަލުކުރާނީ ކޮލަމްބިއާއެވެ. މި ދެ މެޗުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ޕޯޗުގަލްގެ ސަޕޯޓަރުން އުއްމީދު ކުރެއެވެ.

