ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ހައްގުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ގޮވައިލައްވައިފިއެވެ.
އެމަނިކުފާނު މި ފަދައިން ގޮވާލައްވާފައިވަނީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1 ގައި، ”ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ހައްގުތައް ހިމާޔަތްކުރުން“ މި މައުޟޫއުއަށް ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރާއްޖޭގެ ގުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރަން އޮންނަ ގާބިލިއްޔަތާއި، ސަގާފަތާއި، ޝަހުސާއި، ގުޅުންތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ވިދާޅުވިއެވެ.
އަދި ގައުމީ ދުރުރާސްތާ އަހުމިއްޔަތުތައް ކަނޑައަޅައި، ބިނާރާއި ތަރައްގީ ރާވަން ޖެހެނީވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމީ ސިޔާދަތާއި އިސްތިގުލާލުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ތަރައްގީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްގޮތަށް، ގައުމީ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ދިވެހިރާއްޖެއިންވެސް ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ބައިނަލްއަގްވާމީ ގާނޫނު ބިނާކޮށްފައިވަނީ، ހަމަޖެހުމާއި، ޢަދާލަތާއި، ހަމަހަމަކަމާއި، ދައުލަތްތަކުގެ މެދުގައިވާ އިސްތިގުލާލީ އެއްހަމަކަމުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ހައްގު ހިމެނޭހެން، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމައުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިހުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ހައްގު ކަށަވަރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ފުރިހަމަކޮށްދެވޭނީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ބިނާރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރޭވުންތެރިކަން ހިމެނޭނޭ ފަދައިން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޝަހުސިއްޔަތާއި، ސަގާފަތާއި، އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ހައްގުތައް ހިމާޔަތްކުރުމާވެސް ގުޅުންހުރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ހުޅުމާލެ އާއި ރަސްމާލެ މަޝްރޫއު ފަދަ އިސްނެގުންތަކަކީ، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އަމިއްލައަށް އިސްނަގައިގެން ކުރެވޭ މަސައްކަތުން، މުޖުތަމައުތައް ހިމާޔާތްކޮށް، ހިޖުރަކުރުމަކީ މަޖުބޫރީ ހާލަތަކަށް ވުމުގެ ކުރިން މޫސުމީ ހިރާސް ކުޑަކުރެވިދާނެކަމުގެ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ބަރޯސާވެވޭ އަދި ބޭނުންކުރެވޭނޭ ފަދަ މާލީ ފުދުންތެރިކަން ނެތި، ނާޒުކު ފައްތަރެއްގައިވާ ގައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ގާއިމުނުކުރެވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރާ ގައުމުތަކުގެ ރައްޔިތުންނާއި ހައްގުތައް ކަށަވަރުކުރަން ބޭނުންވާ ގާނޫނީ ޔަގީންކަން ހޯދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

