މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުމެ، 0-3ގެ ނަތީޖާއިން މޮޅުވި މެޗުގައި، ލިއޮނަލް މެސީ ހެޓްރިކް ހެދިއިރު، މެޗުގެ ފުރަތަމަ ލަނޑަށް ފަހުގައި އޭނާ ރުއި މަންޒަރު ވަނީ ކެމެރާތަކުގެ ލެންސްތަކަށް އަރައިފައެވެ.

މެޗަށް ފަހުގައިވެސް މި މަންޒަރު ފެނިގެންދިޔައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެސީ ބުނީ، އޭނާ ރުއީ ފުޓްބޯޅައާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށާއި، އެކަމުގެ ފަހަތުގައި ވަނީ ޒާތީ ސަބަބެއް ކަމަށެވެ. އަދި ދިރިއުޅުމުގައި ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް ހޭދަ ކުރަމުންދާ ކަމަށް ވެސް އެއްބަސްވިއެވެ.

އަދި ޓީމުގެ މެމްބަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ހިތްވަރަށް އޭނާ ޝުކުރު ވެސް އަދާކުރިއެވެ. ނަމަވެސް، އިތުރު ކަމެއް ހާމައެއް ނުކުރެއެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި، މެސީ އިމޯޝަނަލްވީ، އޭނާގެ އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން ދިޔަ، އުމުރުން 68 އަހަރުގެ ބައްޕަ ޖޯޖް މެސީ ބަލިވެ އުޅޭތީއެވެ. މި ޚަބަރު ބޭރުގެ ނޫސްތަކުގައި ދައުރު ވަމުން ދާއިރި، މިކަން މެސީގެ އާއިލާއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އަލްޖީރިއާއާ ދެކޮޅަށް، އުމުރުން 38 އަހަރުގެ މެސީ ކުޅުނު މެޗަކީ އޭނާ އާޖެންޓީނާއަށް ކުޅެދިން 200 ވަނަ މެޗެވެ.

އެ މެޗުގައި މެސީ ހެދި ހެޓްރިކަކީ، ވޯލްޑް ކަޕެއްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.