އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ މަނާކޮށް، މި ނިންމުން ނިންމި ފުރަތަމަ އަރަބި ގައުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) ވެއްޖެއެވެ.
އެ ގައުމުގެ ކެބިނެޓުގެ ގަރާރަކުން، ބުރާސްފަތި ދުވަހު ނިންމި މި ނިންމުމާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނީ، އުުމުރުން 15 އަހަރުން ދަށުގެ ކުދިންގެ އެކައުންޓުތައް ރިމޫވް ނުވަތަ ބްލޮކް ކުރަން 12 މަސް ދުވަހުގެ މުހުލަތެއް ދީފައެވެ.
މި ނިންމުމާއެކު، ޔޫއޭއީގެ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕޯސްޓު ކުރުމާއި، ކޮމެންޓް ކުރުމާއި، ކޮންޓެންޓް ހިއްސާކޮށް، ޕަބްލިކް ގްރޫޕްތަކަށް ޖޮއިން ކުރުން މަނާވެގެންދާނެ ކަމަށް ޔޫއޭއީގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޔޫއޭއީން މިފަދަ ނިންމުމެއް ނިންމިއިރު، އެންމެ ފުރަތަމަ މިފަދަ ފިޔަވަޅެއް އެޅީ އޮސްޓްރޭލިއާއިންނެވެ.
އެ ގައުމުން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަން ނިންމަން ޖެހުނު ސަބަބުތައް ކަމަށް ބުނީ، ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ސަބަބުން ޒުވާން ފުރައިގެ ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށް، ސައިބަރ ބުލީގެ ޝިކާރައަކަށް ވެގެން ދިޔުމާއި، ކުޑަކުދިން ގްރޫމްކޮށްގެން، ޖިންސީ ގޯނާ ކުރުން ފަދަ ކަންކަން ހުއްޓުވުމުގެ ބޭނުމުގައި ކަަމަށެވެ.
އޮސްޓްރޭލިއާއަށް ފަހުގައި، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ކެނެޑާ ގަދަ ގައުމުތަކުން ވެސް ވަނީ، ފުރާވަރުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކޮށްފައެވެ.

