މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ހެއިޓީ ކޮޅަށް ފުރަތަމަ ހާފްގައި ޖެހި ތިން ލަނޑާއެކު ބްރެޒިލް ގްރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި މެޗު ބްރެޒިލް ކާމިޔާބުކުރީ 3-0 ނަތީޖާއިންނެވެ. މި ނަތީޖާއާއެކު، ކުރިން މޮރޮކޯ ކައިރިން 1-1 އިން އެއްވަރުވި ބްރެޒިލް، 4 ޕޮއިންޓާއެކު ވަނީ، ލަނޑުގެ ތަފާތުން ކުރި ހޯދައި، ގްރޫޕް ސީގެ އެއް ވަނައަށް ޖެހިލައިފައެވެ.

މެޗުގައި ބްރެޒިލް އިން ފުރަތަމަ ގޯލަށް ބޯޅަ ފޮނުވައިލީ، 11 ވަނަ މިނެޓުގައެވެ. ނަމަވެސް ރަފީނިޔާ ބޯޅަ ގޯލަށް ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން، ލަނޑެއް ކަމަށް ބަލައިގެންފައެއް ނުވެއެވެ.

މެޗުގައި ބްރެޒިލްއަށް ފުރަތަމަ ލީޑް ނަގައިދިނީ، 23 ވަނަ މިނެޓުގައި ކޫންޏާއެވެ. ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދީ، ބްރިޒިލްގެ ލީޑު ފުޅާ ކޮށްދިނީ ވެސް ކޫންޏާއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ވިނީޝިއަސް ޖޫނިއާ (ވިނީ) އެވެ.

 

 

ގްރޫޕްސްޓޭޖް ފަހު މެޗުގައި ސްކޮޓްލެންޑްއާ ދެކޮޅަށް ބްރެޒިލް ނިކުންނައިރު، ހެއިޓީ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

މި މެޗުން ބަލިވުމުން، ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވާ ހެއިޓީ މި ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުން ވަކިވާން ޖެހުނު ފުރަތަމަ ޓީމަކީ ވެސް ހެއިޓީއެވެ.

ގްރޫޕް ސްޓޭޖުން ވަކި ވާން ޖެހުނަސް، މިއީ 1974 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ހެއިޓީއަށް ލިބުނު ކާމިޔާބީއެކެވެ. އެ ފަހަރު ވެސް، ހެއިޓީގެ ޓީމަށް ގްރޫޕް ސްޓޭޖުން ބޭރު ވެވިފައެއް ނުވެއެވެ.

ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު، ހެއިޓީއަށް ވޯލްޑް ކަޕްގެ ކޮލިފައިންގެ މެޗުތައް ވެސް، އަމިއްލަ ގައުމުގައި ކުޅެވޭ ގޮތް ވެފައެއް ނުވެއެވެ.