ވޯލްޑް ކަޕަށް ފަރިތަ ޕޯޗުގަލްއިން، މި އަހަރުގެ މުބާރާތް ފެށީ، އެ ޓީމާ އަޅާ ބަލާއިރު، ބަލިކަށި ޓީމެއްގެ ގޮތުގައި ބެލެވިފައިވާ ޑީއާރް ކޮންގޯ ކައިރިން 1-1 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުވެ، އޭނާ ސްކޮޑުގެ ފުރަތަމަ 11 އިން ބޭރު ކުރުމަށް ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ގޮވާލަމުންދާ މީހުން ވެސް މަދެއް ނޫނެވެ. އަދި ރޮނާލްޑޯ ދިފާއުކޮށް، އޭނާއަށް އަސްލު ކުޅުން ނުދެއްކެނީ، ޓީމުގެ އެހެން ކުޅުންތެރިން އޭނާއަށް ބޯޅަ ޕާސް ނުކުރާތީ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ބޭރުގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ބޮޑެތި މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، ޕޯޗުގަލް އިން ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯގެ ފައިގައި ބޯޅަ ޖެހިފައި ވަނީ ވެސް އެންމެ 25 ފަހަރުއެވެ. އަދި ޕޯޗުގަލްއަށް އެންމެ ފަހުން ކުޅެދިން 10 މެޗުގައި ވެސް، އުމުރުން 41 އަހަރުގެ ރޮނާލްޑޯ އެންމެ ލަނޑެއް ވެސް ޖަހައިފައެއް ނުވެއެވެ.
ކޮންގޯއަށް ރޮނާލްޑޯ ”މައިތިރިކޮށްލެވުމުން“ އޭނާއަށް ފާޑުކިޔަމުންދާ ބޭރުގެ މީޑިއާތަކުން ވެސް އަދިވެސް އެކަން ނުހުއްޓައެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި ނަން ވިދާލާފައިވާ އެހެން ތަރިން ކަމުގައިވާ ހެރީ ކޭން، ކިލިއަން އެމްބާޕޭ، އަދި ލިއޮނެލް މެސީ ގަދަކޮށް މިފަހަރުގެ ވޯލްޑް ކަޕް ފެށިއިރު، ”ގޯޓް“ ކަމަށް އަދިވެސް ބައެއް މީހުން ދައުވާ ކުރާ ރޮނާލްޑޯގެ ފެންވަރެއް ނެތް ފެށުމާއެކު، އޭނާގެ ސަޕޯޓަރުންނަށް ލިބުނީ ބޮޑު މާޔޫސް ކަމެވެ.

އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށް ރޮނާލްޑޯގެ ސަޕޯޓަރުން ބުނަމުންދިޔަސް، އޭނާގެ އުމުރު މިހާރު ދަނޑުމަތިން ފެންނަ ކަމަށް ބައެއް މީހުން ދެކެއެވެ.
ކޮންގޯ އިން ވެސް ވަނީ، ޕޯޗުގަލްއާ ބައްދަލުކުރި މެޗުގެ ކުރިން އެކަން ފާހަގަކޮށްފައެވެ. އެ ޓީމުގެ މިޑްފީލްޑަރު މުކާއު ބުނީ، ރޮނާލްޑޯ ހުއްޓުވަން އެ މީހުންގެ ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށާއި، އޭނާ މިހާރު އުމުރުން ދުވަސް ވެފައިވާ ކަމަށެވެ.
”އޭނާ ކުރިންހެން ނޫންކަން އެނގޭ، މިހާރު ތަންކޮޅެއް ދުވަސް ވެއްޖެ. އެކަމަކު އަދިވެސް އެއީ އެންމެ މޮޅު އެކަކު، އޭނާއަށް އިހުތިރާމް ކުރަން.“ މުކާއު ބުނެފައިވެއެވެ.
ދެން އުފެދޭ ސުވާލަކީ، ރޮނާލްޑޯއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއެކު، އަންގާރަ ދުވަހު ޕޯޗުގަލް އިން އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ 11ގައި، ރޮނާލްޑޯ ހިމަނަން ކޯޗު މާޓިނޭޒްއަށް ކެރިދާނެތޯއެވެ. ނުވަތަ މެޗުގެ ތެރެއިން ވިޔަސް، ރޮނާލްޑޯ ދަނޑުން ބާލައި، ބަދަލެއް ގެނެސްފާނެތޯއެވެ. މާޓިނޭޒް ކުރިން ރޮނާލްޑޯގެ ދިފާއުގައި ބުނީ، ލަނޑު ޖަހަން ބޭނުންވެފައި ވަނިކޮށް، ރޮނާލްޑޯ ފަދަ މީހަކު ބެންޗުގައި ނުބޭންދޭނެ ކަމަށެވެ.
5 ފަަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ ވެސް ވަނީ، އަމިއްލަ ދިފާއުގައި ބަސް ބުނެފައެވެ. މެޗަށް ފަހުގައި ސޯޝަލް މީޑިއާގައި އޭނާ ބުނީ، އެންމެ ބޭނުންވާ ގޮތަށް މުބާރާތް ނުފެށުނު ކަމުގައި ވިޔަސް، ނިމެން އަދި ކައިރި ވެސް ނުވާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ދިން ހިތްވަރުގެ މެސެޖެެކެވެ.

