Advertisement
މެންޓަލް ހޮސްޕިޓަލު އެޅުމަށް ހުޅުމާލެއިން ބިން ހަމަޖައްސައިފި
މެންޓަލް ހެލްތު ހޮސްޕިޓަލެއް ހަދަން ހުޅުމާލޭން 10،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންތަލް ހޮސްޕިޓަލް އެޅުމާ ބެހޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގީލާ ވިދާޅުވީ، އެފަދަ ހޮސްޕިޓަލެއް ވަކިން ހުންނަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި އެތަނަކީ ހާއްސަ ފަރުވާތަކެއް ދޭ ތަނަކަށްވުމާއި އެފަދަ ފަރުވާ ދޭ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށްވުން ހިމެނެއެވެ.

މިފަދަ ހޮސްޕިޓަލެއް ގްރޭޓަރ މާލޭ ސަރަހައްދުގައި ހަދަން ޖެހެނީ، ގިނަ ރިސޯސްތައް ހުރީ މާލޭ ސަރަހައްދުގައި ކަމަށްވުމާއި މިފަދަ ބަލި މީހުންގެ ތަފާތު ޓެސްޓުތައް ހެދުމާއި ދޭންޖެހޭ އެހެނިހެން ފަރުވާތައް ވެސް މާލެ އާއި ގްރޭޓާ މާލޭ ސަރަހައްދުގައި ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މެންޓަލް ހެލްތު ބަލި މީހުންނަކީ އެކި މަރުހަލާތަކުގައި ފަރުވާތަކެއް ލިބިދޭންޖެހޭ ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، 2023 އިން 2025 އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ ފަރާތްތައް ނަފްސާނީ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.

މީގެ ތެރެއިން 45000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މަލޭ ސަރަހައްދުންކަން ވެސް ގީލާ ފާހަގަކުރެއްވިއެވެ.