ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ ސީނިއާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ފަހުމުނާމާގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ މިސްޓަރ އާލް މަޓިއަރއެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

 

މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ބުނީ، އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު ހަރުދަނާވެގެންދާނެ ކަމުގައެވެ.