ކެންސަރުގެ އެކި ބަލިތަކަށް ފަރުވާދިނުމަށްޓަކައި 2028 ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމްކޮށް ހިދުމަތް ދޭން ފެށޭނެ ކަަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެ ހޮސްޕިޓަލްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުން ފިލުއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކުރާ މި ހޮސްޕިޓަލަކީ 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ކަމަށެވެ.
މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓާނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭނެ ކަމަށެވެ.
މި ހޮސްޕިޓަލްގައި އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ހިދުމަތްތައް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަމަށް 374 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

