ގއ. ވިލިނގިލީގައި ގާއިމުކުރާ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މުއާޒު ހަލީމެވެ.

އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ، ހަސަން ރިފާއީ ބުޝްރީއެވެ.

މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ހިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ނާއިބު، ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޣިޔާސްއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ތާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.