މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި އެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، ފުލުހުންގެ ހިދުމަތުގެ ދިގު މާޒީގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
އަދި ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
އޭގެ އިތުރުން، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމާއި، އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނާއި، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހުންނެވެ.
