މި ސަރުކާރުން އެއްވެސް މީހަކަށް ނުހައްގުން ގޯއްޗެއް ނުވަތަ ފްލެޓެއް ވެސް ނުދޭނެ ކަމަށާއި، އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ ”ނޭޝަން ޗެޓް“ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ހައްގު ނޫން ފަރާތްތަކަށް ފްލެޓު ދޫކުރާކަމުގެ ޝަކުވާ ބޮޑެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްްގެ ތެރެއިން، ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން، އެއްވެސް ހައުސިން ސްކީމެއްގެ ތެރެއިން، ވަކި މީހަކަށް ނާޖާއިޒު ގޮތެއްގައި ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް އެއްވެސް ނުފޫޒެެއް ނުފޯރުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެދުވެރިކޮށް ވެސް އެ ފަދަ ނުފޫޒެއް ނުފޯރުވޭނެ ކަމުގައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ތާރީހުގައިވެސް އެންމެ ގިނަ ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިންތިހާބުތަކާ ދިމާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އިންތިހާބު ނިމޭއިރުވެސް ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭވަރު ނުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވެފައިވާއިރު، ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.