ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރަން ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ދުންފަތް އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުރިއާ ހިލާފަށް ދުންފަތް އިޝްތިހާރުކުރުމަށް ތަފާތު އާ އުކުޅުތައް ބޭނުންކޮށްގެން ކުޑަކުދިން ވެސް އެ ވާބާގައި ޖައްސަމުންދާ ކަމަށާއި ސިއްހަތަށް ގެއްލުން ލިބޭ އެއްވެސް ކަމަކީ، އެއްވެސް މީހަކު ރުހި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ދުންފަތާމެދު ހޭލުންތެރިވެ އަމިއްލަ ނަފުސު ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމުގެ ޖިހާދެއް ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ ފަރާތަކުންވެސް އައު އަމާޒަކާއެކު ފެށުމަށް ސާޖިދާ ގޮވާލެއްވިއެވެ.
”ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސް ދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން،“ ސާޖިދާ ވިދާޅުވިއެވެ.
ދުންފަތުގެ ސިއްހީ ގެއްލުމަކީ މިއަދު ޖުމްލަ ގޮތެއްގައި އޭގެ ނުރައްކާ އެނގޭ ކަމެއް ކަމަށާއި، ކަމާ ބެހޭ ހޯދުންތަކުން އެނގެނީ، ދުންފަތުގެ ނުރައްކަލަކީ އެތައްް ޖީލުތަކަކަށް ދެމިގެންދާ، އެތައް ބަޔަކަށް ފެތުރިިގެންދާ ސިއްހީ ބޮޑު ކާރިސާއެއް ކަމަށެވެ.
އަދި ދުންފަތުގެ ގެއްލުން ލިބެނީ ހަމައެކަނި އިސްތިއުމާލު ކުރާ މީހާއަށް އެކަނި ނޫން ކަމަށާއި، އޭގެ އަސަރު އެތައް ބަޔަކަށް ކުރާކަން މިހާރު ހޯދިފައިވާކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

