ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަވާލުކުރި 3،260 ހައުސިން ޔުނިޓްގެ މަޝްރޫއުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިން ޔުނިޓް އިތުރުކުރައްވާނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާމެދު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވާ އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާ ހިސާބަށް މިހާރު ދެވިފައިވާ ކަމުގައި އިސް ތަރުޖަމާނު ވިދާޅުވިއެވެ.

މާލީ އިދާރާތަކުން ދެއްވާ ލަފާ ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށާއި ސަރުކާރު ކުރިއަށް ގެންދަވަނީ މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައި ކުރިއަށް ދިޔަނަމަވެސް ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަށްދާއިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ރަނގަޅު ކުރަމުން އިގުތިސާދީ މަސައްކަތްވެސް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އަދި މާލީ އިދާރާތަކަށް މުހިންމު ވާނީ ފައިނޭންޝަލްސް ނުވަތަ ހިސާބުތައް ކަމަށާއި އެހެންނަމަވެސް ސަރުކާރު ކުރިއަށްދާނީ މިކަންކަމުގައި ބެލެންސް ކުރައްވައިގެން އެކަންކަން ކުރެވޭނެ އެންމެ ފަހިގޮތް ހޯއްދަވައިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި، އިމާރާތެއް ނުވަތަ މަޝްރޫއުއެއް ނުވަތަ ދާއިރާއެއްގެ ގޮތުގައި ތަރައްގީ މިނެކިރެމުން ދިޔަނަމަވެސް، މީހުން ބިނާކުރުމަކީ އަޅުގަނޑުމެންނަށް ދޫކޮށްލާފައި ދެވޭނެ އެންމެ ވަރުގަދަ ލެގަސީކަން ފާހަގަކުރެއްވިއެވެ.