މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް، މިރޭ ދަންވަރު 00:15 އިން ފެށިގެން ފަތިހު 04:15 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށާއި، މޫސުން ރަނގަޅުވަންދެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ހާލަތްތަކުގައި، ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފަހު ދަތުރު ފެށުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.