މާލެ ސަރަހައްދުގައި މި ސަރުކާރުން އަޅާ ހުރިހާ ފްލެޓެއް 2028ގައި ނިންމަނީ
ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ހަދާ ފްލެޓްތައް 2028 ގެ މެދު ތެރޭގައި ނިންމައިލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ އެކަމަކީ މީގެކުރިން އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.

”މީގެކުރިން އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުުރުތެރޭގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި އެ ފްލެޓްތަކަށް ނޫނީ ހައުސިންތަކަށް މީހުން ވެއްދިފައެއް ނެތް. މިބަލަނީ އެކަން ބަދަލުކުރެވޭތޯ، އިރާދަކުރެއްވިއްޔާ 2028ގެ މެދަކާ ހަމައަށް ދާއިރު މީގެތެރެއިން ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް ރަށް ރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް އޭގެކުރިން ވެސް ނިންމާލެވޭނެ ކަމަށާއި، އެގޮތުން އެއީ އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

އެމަނިކުފާނު ވަނީ ހައުސިން ޕްރޮޖެކްޓްތަކުގެ އަމަލީ ގިނަ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާތަން ފެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.