މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމާލެ މަޝްރޫއުގެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އަނެއްކާ ވެސް އިއުލާނު ކޮށްފިއެވެ.
މިކަމަށް ކޮންސަލްޓަންޓެއް ހޯދަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އިއުލާނު ކުރިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ރަސްމާލެ މަޝްރޫއަށް ކޮންސަލްޓަންސީ ދޭން ޝައުގުވެެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފުށިދިއްގަރު ހިއްކައިގެން ކުރިއަށް ގެންދަން ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެންނަން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއެވެ.
އެ މަޝްރޫއު އަށް 1،010 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައެވެ.
އެގޮތުން މިހާތަނަށް 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައިފައެވެ. ރަސްމާލޭގެ ދުރުރާސްތާ ތަސައްވުރަކީ 20 އަހަރުގެ ތެރޭގައި 200،000 ހައުސިން ޔުނިޓު ތަރައްގީކޮށް ބޮޑު އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ.
ރަސްމާލެ އަކީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ސަރުކާރުން އަމާޒު ހިފާފައި އޮތް މަޝްރޫއެކެވެ. އަދި އެތަން ވާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

