ދިފާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް މިހާރު ސައުދީއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުއާ ސައުދީގެ ކަމާގުޅޭ ބޭފުޅުންނާ އެކުއެވެ.

މި ބައްދަލުކުރެއްވުމުގައި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންނާއި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ޑިފެންސް މިނިސްޓަރު ހަސަންގެ ދަތުރުފުޅުގައި ވަނީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑާ މޭޖަ ޖެނެރަލް އަބްދުﷲ ބިން ހާމިދު އަލް-ގުރައިޝީއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.