Advertisement
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުހައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ ”އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް“ ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރެއްވިއެވެ.

ގައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމްކުރައްވައިގެން ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރަކީ ދިވެހި ގަރލް ގައިޑް ހިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރުކަން ފާހަގަކުރައްވާފައެވެ.

އަދި މިއީ ރާއްޖޭގައި ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީހީ ދުވަހުގެ ގޮތުގައި ސިފަކުރެއްވިއެވެ.

ގަރލް ގައިޑް ހަރަކާތަކީ ފަރުދީ، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައިވެސް މުހިންމު ހިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މި ހިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ގައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް“ އިފްތިތާހު ކޮށްދެއްވާފައެވެ.

މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ހަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.