ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. ކޮމިޝަނަރ ވަނީ މިނިސްޓަރ ވަޑައިގެންދެއްވި ކަމަށްޓަކައި މުޅި މުއައްސަސާގެ ނަމުގައި ޝުކުރު ދަންނަވައިފައެވެ.
ކޮމިޝަނަރ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ. ”ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން“ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.
”ތިޔަ ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން. އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ“ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.
ކޮމިޝަނަރ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮމިޝަނަރގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ.
އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

