މާލެ އަދި ހުޅުމާލޭގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާކަމުގެ ތުހުމަތުގައި، ކޯޓު ޢަމުރެއްގެ ދަށުން، ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކޮށް، ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އެގޮތުން، ​މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ​30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ​23 އަހަރުގެ ދިވެހި ފިރިހެނަކާއި ​21 އަހަރުގެ ދިވެހި ފިރިހެނަކާއި ​34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ​32 އަހަރުގެ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ​މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، އޭގެތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ޢަމުރު ކޮށްފައިވާކަމަށާއި އަދި ބާކީ ތިބި ދެ މީހުން ޝަރުތު ކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.

އެގޮތުން، ހާދިސާ ހިނގާފައިވާގޮތަށް އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެ ދެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުގެ ޢަމުރުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ބަންދުކުރި ހަތަރު މީހުންގެ ޢަމުރުގައިވަނީ، އެ މީހުން ތިބިތަނުން ދެ ވަޅި ފެނިފައިވާކަމަށާއި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ކުރަން ރާވާފައިވާ މާރާމާރީއެއް ކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.