މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 4 ކުޑަކުދިން ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރު ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ފައިސަލް ވިދާޅުވީ، ހިމަބިހި ޖެހުނު މީހުންގެ އަދަދު 72 އަށް އަރާފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
ފައިސަލް ވިދާޅުވީ 2022 ވަނަ އަހަރުވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށެވެ.
ފައިސަލް ވަނީ ހިމަބިހި ވެކްސިން ނުޖަހާ ތިބި އުމުރުން 15-35 އަހަރާ ދެމެދުގެ މީހުން ވެކްސިން ދެ ޑޯޒު ހަމަކުރުމަށް ނަސޭހަތްތެރިވެފައެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހުގެ 28ގައި ވަނީ ފަށާފައެވެ.
އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ.

