ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ސްޕެއިން ދަތުރުކުރިއިރު، ދުނިޔޭގެ އެންމެ މަގްބޫލް އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ”ވޯލްޑް ކަޕް“ ޓްރޮފީގެ ހުވަފެން ”ފެނަށް“ ވެއްޖެއެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި، ރޭގެ މެޗުން މޮޅުވި ސްޕެއިން ބައްދަލުކުރާނީ މުބާރާތުގެ ގަދަ 16 ގައި އެމެރިކާ ބަލިކުރި ބެލްޖިއަމްގެ ޓީމާއެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ސްޕެއިން އިން ވަނީ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އަދި ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރި މަންޒަރު ވެސް ފެނިގެންދިޔައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނުން ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނެޓްގައި، ފެރަން ޓޮރޭސް ދިން ޕާހަކުން ޕޯޗުގަލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މިކޭލް މެރީނޯއެވެ.
ރޭގެ މެޗާއެކު، ޕޯޗުގަލް ވޯލްޑް ކަޕަށް އަލްވަދާއު ކިޔާފައިވާއިރު، އެ ޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ވޯލްޑް ކަޕް ތަށި އުފުލައިލުމަށް ދެކެމުން އައި ހުވަފެން މިވަނީ ނިމުމަކަށް އައިސްފައެވެ. މެޗަށް ފަހު، ރޮނާލްޑޯ ރުއި މަންޒަރު ފެނިގެންދިޔައެވެ. މި މެޗުގެ ކުރިން 7 ނަންބަރު ކުޅުންތެރިޔާ ވަނީ، މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްކަން އިއުލާނު ކޮށްފައެވެ.
ރޮނާލްޑޯ ބުނިގޮތުގައި، ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރުމެވެ. އަދި އެއީ އޭނާއަށް ވޯލްޑް ކަޕެއް ފަދަ ކާމިޔާބީއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައިވެއެވެ.

