ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ، މި ވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން، 72.9 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަން ޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު ބްރިޖެކެވެ. ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖުގައި، ކޮޅަކަށް ދެ ލޭނު އޮންނާނެއެވެ.