ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފެށުމަށްޓަކައި ލެވެލް 2ގެ މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މަސައްކަތް ކުރަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޔުނިޓުގެ މަސައްކަތް ފެށުމުން ޕޯސްޓްމޯޓަމްގެ ހިދުމަތުގެ އިތުރުން މާލެ ސަރަހައްދާއި މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ހިދުމަތާއި، މެޑިކޯ ލީގަލް ހިދުމަތްވެސް ފޯރުކޮށް ދެވޭނެ ކަމަށެވެ.

ޔުނިޓް ގާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވެވިއެވެ.

ގީލާ ވިދާޅުވީ، ޔުނިޓުގެ މަސައްކަތް ފެށުމުން ތަހުގީގުގެ ބޭނުމަށް މީހަކު މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުމުގެ މަސައްކަތް އެތަނުން ކުރާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ދެވޭ ގޮތަށް ގާނޫނެއްގައި އެ ވާހަކަތައް 2015 ވަނަ އަހަރު ހިމަނާފައިވާ ކަމަށެވެ.

އެކަމަކު އެ ހިދުމަތް ފެށުމަށް މިހާތަނަށް އެއްވެސް މަަސައްކަތެއް ކުރެވިފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.