އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލްއާ ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު މިއަދު ”އެކްސް“ގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ އިންޑިއާގެ އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން، ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމާއި، ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި މިއީ ދެ ގައުމަށް ފައިދާ ހުރި، އަދި އިގްތިސާދީ ގޮތުން ނަފާހުރި ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ތަސައްވުރު ރަމްޒު ކޮށްދިން މަޝްވަރާތަކެއް ކަމުގައި މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވަނީ، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ގޯޔަލްއަށް ޝުކުރު އަދާކުރައްވައި، އިންޑިއާ އާއި ރާއްޖެއަށް ފައިދާ ހުރި ކަންކަމުގައި ދެބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމުގެ އުއްމީދުގައި ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.

