ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި، ރޭ މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، މިސްރުގެ ޓީމާމެދު ނާއިންސާފުން ކަންތައް ކޮށްފައިވާ ކަމަށް ބުނެ، މިސްރު ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ރެފްރީންނާއި ވޯލްޑް ކަޕް އިންތިޒާމް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
އާޖެންޓީނާ އާއި މިސްރު ބައްދަލު ކުރި މެޗު 3-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ. އާޖެންޓީނާ ފަހަތުން އަރައި މިސްރު ބަލި ކުރީ، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ހާފުގެ ވެސް ފަހު ބައިގައެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިސްރުގެ ކޯޗު ވަނީ މެޗުގައި ރެފްރީންނާއި ވީއޭއާރްގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ އާޖެންޓީނާ ސަލާމަތް ކުރުމަށް ނިންމި ނިންމުންތަކެއް ކަމަށް ބުނެފައެވެ.
”ވެދާނެ އެމީހުން ވޯލްޑް ޗެމްޕިއަނުން މުބާރާތުގައި ބަހައްޓަން ބޭނުންވީ ކަމަށް. ވެދާނެ އެމީހުން މެސީ ބަހައްޓަން ބޭނުންވީ ކަަމަށް.“ މިސްރުގެ ކޯޗު ހުސާމް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ރޭގެ މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުމެއް ދެއްކީ މިސްރުން ކަމަށާއި، އެ ޓީމާ ދޭތެރޭގައި ފީފާ އިން ކަންތައް ކުރި ގޮތުން، މި އަހަރުގެ ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ދެން ނުބަލާނެ ކަމަށެވެ.
ރޭގެ މެޗާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބޮޑު ބަހުސެއް އުފެދިފައިވާއިރު، މެޗަށްފަހު އެންމެ ބޮޑަށް ދެކެވެމުންދަނީ ރެފްރީގެ ނިންމުންތަކުގައި ހުރި މައްސަލަތަކުގެ ވާހަކައެވެ. މިގޮތުން މެޗުގައި މިސްރުން ދެ ވަނަ އަށް ޖެހި ލަނޑު ރެފްރީ ކެންސަލް ކުރި މައްސަލަ ވެސް ވަނީ ހޫނުވެފައެވެ.

