މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.
މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 31 ވަނަ ދުވަހެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުމާއި ހިދުމަތްތައް ދައްކައިލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި މައުރަޒުގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނާއި، ދިވެހި ވިޔަފާރިތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ކައުންސިލުތަކަށެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހާއްސަ ކެޓަގަރީއެއްގެ ދަށުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި expo.mv ގެ ނަމުގައި ހާއްސަ ޕޯޓަލެއް ވަނީ ގާއިމުކޮށްފައެވެ. ރަޖިސްޓްރީވުމުގެ ހުރިހާ ކަންކަމެއް މި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.