މާލޭގެ އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މިހާރުގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ ތެރެއިން، ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި މިހާރު ވަނީ ތާރު އަޅައި ނިންމައިފައެވެ.
އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ރޭ ދަންވަރު ވަނީ އެއްކޮށް ނިންމާލައިފައެވެ.
ރައީސް މުއިއްޒު މި މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ ޑީސީޕީ އަހުމަދު ސައުދީގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ޒިޔާރަތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ރައީސް ކަމާބެހޭ ފަރާތތްކާ މަޝްވަރާ ކުރެއްވިއެވެ.
މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ މަަޝްރޫއެކެވެ.

