ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަޙްމާން ދިވެހިރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިނިސްޓަރުގެ މި ދަތުރުގައި މިއީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާހަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވާ މުހިންމު މަސައްކަތްތަކެއް ހިމެނޭ ދަތުރުފުޅެކެވެ.
މި މަހުގެ 23 ވަނަ ފިލިޕީންސްގެ ވެރިރަށް މެނީލާގައި ފަށާ 33 ވަނަ އާސިއާން ރީޖަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހަލީލުއްރަހުމާން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.
އެގޮތުން ރާއްޖެއަށް ކުރައްވާ ދަތުރުގައި ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން ފޯރަމްތަކުގެ ތެރެއިން ސަރަހައްދީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެއެވެ. އަދި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެއެވެ.

