ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ދެކޮޅު ހައްދަވައިފިއެވެ.
ފަނޑިޔާރުން އިންސާފުން ހުކުމް ނުކުރައްވާ ކަމަށް ވިދާޅުވެ، މަރުގެ ހުކުމް ކުރުމަށް އެ ފަނޑިޔާރުންނާ ހަވާލުކުރަން ހެޔޮނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
”މަރުގެ ހުކުމް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި ވަކާލާތު ކުރި މީހެއް. އެކަމަކު، ފަނޑިޔާރުންގެ އަދުލުވެރިކަން ނެތްތަން ފެނުނީމައި މަރުގެ ހުކުމް ކުރުމާ އަޅުގަނޑު ދެކޮޅު މިހާރު.“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މަރުގެ ހުކުމް ތަންފީޒު ކުރުމާ މިހާރު ދެކޮޅުކަން ހާމަކުރެއްވިއިރު، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގައި އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، އެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ވެސް ކުރައްވައިފައިވެއެވެ.
މިދިޔަ މާޗު މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އަދި ވަކި މިންވަރަކަަށް ޑްރަގްސް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ވެސް އަމަލުކުރަން މިހާރު ވަނީ ފަށައިފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ އަދަބެކެވެ.

