ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ ) އިން ތައްޔާރު ކުރަމުންދަނީ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާއެއް ކަމަށާއި، އިދިކޮޅު އެމްޑީޕީ އަކީ މަގުމައްޗަށް އަދި ކަނޑުމައްޗަކަށް ވެސް ކަމުދާ ޕާޓީއެއް ނޫން ކަަމަށް ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ހިންގުމުގެ ޒިންމާތަކާ ހަވާލުވުމަށް 2000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއްވުމަކީ، އެ ޕާޓީއަށް، އަދި އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް މެމްބަރުން ކުރާ އިތުބާރު ހާމަވެގެންދާ ކަމެއް ކަމުގައެވެ.

އަބްދުއްރަހީމްގެ ވާހަކައިގައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި އަމާން ކަމޭ ކިޔައިގެން މަގުތަކަށް ނުކުމެ އަޑު އުފުލަން އެމްޑީޕީން ލަދު ގަންނަން ޖެހޭނެ ކަމަށާއި، އެކަންކަން ނިގުޅައިގަތީ ވެސް އެ ޕާޓީން ކަމަށެވެ. އަދި އެ ޕާޓީގެ ނިމިދިޔަ ވެރިކަމުގައި ގައުމު ދަރުވާލިއިރު، އިގްތިސާދޭ ކިޔައިގެން ވެސް މަގުތަކަށް ނުކުތުމަކީ، އެމްޑީޕީން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީއަށް ދެން ވެސް ވެރިކަން ލިބިއްޖެނަމަ، ގައުމަށް ފައިދާ ވާނެ ކަމެއް ނުކުރާނެ ކަަމަށާއި، ރައްޔިތުން ތިބެން ޖެހޭނީ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ބިރުން ކަމަށެވެ.

”އެހެންވެގެން އެމްޑީޕީން ބުނީމަ، ރައްޔިތުން މިއަދު މަގުމައްޗަށް ނުނިކުންނަނީ، އެމީހުންނަށް އެބަ އެނގޭ، ނިކުތީމާ މި ވާގޮތަކީ ހުރިހާ ބޮޑުން ފިލަނީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެއް މަސް ދުވަސް ވަންދެން ރާވައިގެން ވެސް އެކަން ދިޔައީ ”ތޮޅިޔަށް“ ކަމަށެވެ.