ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ތަނަވަސްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ އެހީގައި މި ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.
މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.
މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިހު އިމްތިޠާއު އައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބަދުއްރައްޒާގު ހަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ތެލަސީމިއާ ސެންޓަރުގެ އިސްވެރިންނާއި، ފަރުވާއަށް ފުރާ ކުދިންގެ އާއިލާތަކުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވަނީ މި މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ޒަކާތު ފަންޑުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ވަނީ ތަފްސީލީ މައުލޫމާތު ދެއްވާފައެވެ.
ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފައެވެ.
މި އެހީ ފޯރުކޮށްދީފައިވަނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ.

