މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ މާޗު މަހުގެ 15 ވަަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހިނގާފައިވާ މި ހާދިސާއާ ގުޅިގެން އެމީހުންނަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.
އެގޮތުން ދައުވާ އުފުލާފައިވަނީ މ. އޭސިޔާ، އަޙްމަދު ފާރިސް އާއި، ހދ. ނޮޅިވަރަންފަރު ޖަޒީލާ މަންޒިލް ޖަޒީލު މުހައްމަދު އާއި، ސ. މީދޫ މޫންލައިޓްވިލާ މުހައްމަދު އަފްރާހް އާއި، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާއީލް އާސިފްގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ މުހައްމަދު ނޫރު އަހްމަދުގެ މައްޗަށެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި 5 މީހުން ބައިވެރިވެގެން ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަށް ގެއްލުންދީ، އޭގައި ހުރި 3,992,000 (ތިންމިލިޔަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެއިތުރުން، އަހްމަދު ފާރިސް، ޖަޒީލު މުހައްމަދު އަދި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ. މި ދެ ދައުވާ އުފުލާފައިވަނީ އެޕާޓްމަންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދީފައިވާތީ ކަމަށާއި، މީގެން ކޮންމެ ކުށަކަށް އަސާސީ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

