ރައީސް ޑރ. މުހައްމަދު މުއިއްޒު، ”މަތީ އަރުތަވެރިންގެ އިނާމު 2025″ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ، ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ”ހައި އެޗީވްމަންޓް އެވޯޑު“ ހޯދި ދަރިވަރުންނަށާއި، ސާނަވީ އިމްތިޙާނުން ”އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް“ އަދި މަތީ ޘާނަވީ އިމްތިޙާނުން ”އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް“ އާއި ”ހައި އެޗީވަރޒް ސްކޮލަރޝިޕް“ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފައެވެ.
މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސް މުއިއްޒުއެވެ.
ރޭގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.
އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމަކީ، މި ގައުމުގެ ދުރު ރާސްތާގެ ތަރައްގީއަށް މި ސަރުކާރުން ކުރާ ތަސައްވުރުގެ މުހިންމު އަމާޒެކެވެ.

