ހުޅުމާލޭގައި ކަންނެލި ބަންދުކުރާ ފެކްޓްރީ ގާއިމު ކުރުމަށް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި 100 މެކްޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރުމަށް ހަވާލުކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.

”ކަންނެލި މަސްވެރިންނަށް ހައްލު ހޯދަން ގާއިމްކުރާ ފެކްޓްރީއެއް މީ، އެ ފެކްޓްރީގެ އެބައި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ،“ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތަކީ، ކަންނެލި މަސްވެރިން ސަރުކާރުގައި އެދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ.

އެގޮތުން، 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ހިދުމަތް ދެމުން އައިރުއިރު، ރާއްޖޭގައި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.